Wednesday, May 6, 2015

މުދައްރިސްގެ ތައްޔާރުވުމާއި އިންތިޒާމްކަން
  މުދައްރިސެއްގެ މައިގަނޑު މަސައްކަތަކީ އުނގަންނައި ދިނުމުގެ މަޤްޞަދުތަކާއި އެއްގޮތަށް، ދަރިވަރުންނަށް މަޢޫލޫމާތު ދިނުމާއި، އުނގެނުމުގެ އެހީތައް ބޭނުން ކުރުމަށް ދަރިވަރުންނަށް އެހީތެރިވުމާއި އަސާސީ ހުނަރުތައް ދަރިވަރުންނަށް ލިއްބައިދިނުމެވެ. މި މަޢުލޫމާތު ތައް ދިނުމަށްޓަކައި މުދައްރިސް މަޢުލޫމާތު ހޯދައި އެއްކުރަން ޖެހެއެވެ. ނުވަތަ ލިބިފައިވާ މަޢުލޫމާތު ދަރިވަރުންނަށް ދޭނެ ގޮތެއް ކަނޑައަޅައި އެގޮތަކަށް ތައްޔާރުވާންޖެހެއެވެ. މުދައްރިސް ފިލާވަޅަށް ތައްޔާރުވާ  ތައްޔާރު ވުމަކީ އުނގަންނައި ދިނުމުގެ ދާއިރާގައި އެންމެ މުހިންމު އެއް ކަންތައް ކަމުގައި ޤަބޫލް ކުރެވެއެވެ. ހަމައެކަނި ޓެކްސްޓް ފޮތެއް ހިފައިގެން ކުލާހަށް ވަނުމަކުން ދަރިވަރުން ނަށް އެއްޗެއް އޮޅުންފިލުވައެއް ނުދެވޭނެއެވެ. އުނގަންނައި ދިނުމަކީ އެއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.
  ކާމިޔާބު ކަމާއިއެކު މުދައްރިސަކަށް ފިލާވަޅު ނަގައިދެވޭނީ ފިލާވަޅަށް ވަރަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. އެގޮތުން ސްކީމް އޮފް ވާރކް ތައްޔާރު ކުރަން ފަށާ ހިސާބުންވެސް ދަރިވަރުންގެ ބޭނުންތަކަށް ވިސްނައިގެ  ފިސާރި ފުރިހަމައަށް ތައްޔާރު ވާންޖެހެއެވެ. އެގޮތުން ފުޅާ މަޤްޞަދަކާއި އެކު ގެންދާގެ ފިލާވަޅުތައް ސްކީމް އޮފް ވާރކްގައި ޙުލާޞާ ގޮތަކަށް ލިޔެވިދާނެއެވެ. މިގޮތަށް ލިޔާއިރު ގެންދާނެ އުނގެނުމުގެ ޙަރަކާތްތަކާއި އެކު އުންގެނުމުގެ އެހީވެސް ހިމަނާލެވިދާނެއެވެ. ހަމަ އެއާއި އެކު ވަޒަން ކުރެވޭނެ ގޮތްތައް ބަޔާންކުރެވިފައި ހުންނަން ޖެހެއެވެ. އެއަށްފަހު މުދައްރިސަކު ދެން ތައްޔާރު ކުރަނީ ލެސަން ޕްލޭނެވެ. ލެސަން ޕްލޭނަކީ ހަނި މަޤްޞަދުތަކެއް ކަނޑައެޅިފައިވާ ތަފްޞީލް ޕްލޭނެކެވެ. ލެސަން ޕްލޭނުގައި ފިލާވަޅު އޮޅުންފިލުވައި ދިނުމަށްޓަކައި މުދައްރިސް ގެންދާނެ ހުރިހާ ޙަރަކާތެއް ވަރަށް ތަފްޞީލުކޮށް  ވަކި ތަރުތީބަކަށް ހުންނަން ޖެހޭނެއެވެ. އުނގެނުމުގެ އެހީވެސް ތަފްޞީލުކޮށް ބަޔާން ކުރެވިފައި ހުންނަށް ޖެހޭނެއެވެ.
  ދަރިވަރުންނަށް ރަނގަޅު ކާމިޔާބީއެއް ޙާޞިލް ކުރުމުގެ އެއްމެބޮޑު އެއް ޙިއްޞާއެއް އަދާކުރަނީ މުދައްރިސް ފިލާވަޅަށް ތައްޔާރުވެފައިވާ މިންވަރެއްގެ މައްޗަށޭ ދެންނެވިދާނެއެވެ. މުދައްރިސްގެ ފިލާވަޅު ކާމިޔާބުވުމާއި ނުވުން ބިނާވަނީ ދަރިވަރުން ޝަޢުޤްވެރި ކުރެވުނު މިންވަރެއްގެ މައްޗަށެވެ. ދަރިވަރުން ޝަޢުޤްވެރި ކުރުވުމަށްޓަކައި އެފަދަ އުނގެނުމެ އެހީ ތައްޔާރު ކުރަންޖެހެއެވެ. އެފަދަ ތައްޔާރު ވުންތަކަކާއި ނުލައި ކުލާހަށް ވަދެއްޖެނަމަ އެކަން ވެގެންދާނީ މުދައްރިސާއި ދަރިވަރުންގެ ވަގުތު ނަގާލެވޭ ބޭކާރު ކަމަކަށެވެ. އެހެންކަމުން ފިލާވަޅަށް ފުރިހަމައަށް ތައްޔާރު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. 

No comments:

Post a Comment