Wednesday, May 6, 2015

ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތު

ކުލާހުގައި ދަރިވަރުންނާއި ކުރެވޭ މުޢާމަލާތު
  އިންސާނާގެ ޙަޔާތުގެ ކޮންމެ ކަމަކީވެސް ކުރެވޭ މުޢާމަލާތް ތަކެއްގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މުޢާމަލާތަކީ އުނގެނުމާއި އުނގަންނައި ދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ކުލާހުގައި ދަރިވަރުން އުނގެނޭ ހުރިހާ އެއްޗެއްވެސް އުނގެނެނީ މުޢާމަލާތު ކުރުމުގެ ތެރެއިންނެވެ. އެހެން ކަމުން އެފަދަ މުޢާމަލާތަކީ ވަރަށް ވިސްނުންތެރިކަމާއި އެކު ކުރަންޖެހޭ ކަމެކެވެ. ރަނގަޅު މުޢާމަލާތެއް ކުރުމަށްޓަކައި ދަރިވަރުންނާއި މުދައްރިސާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަންޖެހެއެވެ. ހަމަ އެއާއި އކު ކުރެވޭ މުޢާމަލާތަކީ ދަރިވަރުންގެ އުނގެނުން ފަހިވާފަދަ މުޢާމަލާތަކަށް ވާންޖެހެއެވެ. މުދައްރިސް ދަރިވަރުންނާއި ވާހަކަ ދައްކާ ދަރިވަރުން ވެސް މުދައްރިސާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. މުދައްރިސް ދަރިވަރުންނާއި ކުރާ މުޢާމަލާތް ވާންޖެހޭނީ ދަރިވަރުން ޝަޢުޤްވެރި ވާފަދަ ކަމަކަށެވެ. އެއްވެސް ދަރިވަރަކަށް އިހާނެތި ކަމެއްގެ ގޮތުގައި ފާހަގަ ނުކުރެވޭ ގޮތަށް ވިސްނުން ބެހެއްޓުން ވަރަށް މުހިންމެވެ. ހަމަ އެހެންމެ މުދައްރިސް ދަރިވަރުންނާއި ކުރާ މުޢާމަލާތް ވާންޖެހޭނީ ސާފު ދަރިވަރުންނަށް އޮޅުންނާރާފަދަ މުޢާމަލާތަކަށެވެ.
  ކުލާސް ރޫމްގައި ކުރެވޭ މުޢާމަލާތަކީ ދަރިވަރުން އުނގެނުމަށް އެހާމެބޮޑު އަސަރެއް ކުރާކަމަކަށް ވާއިރު، ކުލާސް ރޫމްގައި ކުރެވޭ މުޢާމަލާތަކީ ދަރިވަރުންނާއި، ދަރިވަރުންނާ ކުރެވޭ މުޢާމަލާތަކަށްވެސް ވާންޖެހެއެވެ. މުދައްރިސަށް އިސްކަންދޭ ކިޔަވައި ދިނުމުގައި ހަމައެކަނި ގިނައިން ވާހަކަ ދައްކަނީ މުދައްރިސް ކަމުގައި ވީނަމަވެސް ދަރިވަރަށް އިސްކަންދޭ ކިޔަވައި ދިނުމުގައި ހުރިހާ ކުދިންނަށް ވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބެއެވެ. މިއަދު ދަރިވަރަށް އިސްކަންދޭ ކިޔަވައިދިނުމަށް ކިޔަވައި ދިނުމުގެ ވައްޓަފާޅި ބަދަލުވަމުން ދާ ދިއުމަކީ، ކުލާސް ރޫމްގައި ދަރިވަރުންނާއި މުދައްރިސުން އަދި ދަރިވަރުންނާއި ދަރިވަރުން މުޢާމަލާތު ކުރުމުގެ މުހިންމުކަން ހާމަ ކޮށްދޭ އަލިގަދަ ހެއްކެކެވެ. ކުލާސް ރޫމްގައި ދަރިވަރުން އުނގެނޭ އެއްޗެއް އެންމެ ރަނގަޅަށް އުނގެނި ދަސްކުރަނީ ކުލާހުގައި އެއްކުއްޖަކު އަނެއްކުއްޖަކާއި ކުރާ މުޢާމަލާތް ތަކުގެ ތެރެއިންނެވެ. އެހެންކަމުން ދަރިވަރުންނަށް އެއްކުއްޖަކު އަނެއް ކުއްޖަކާ މުޢާމަލާތު ކުރުވޭފަދަ، ކޯޕަރޭޓިވް ލާރނިންގެ އުނގެނުމުގެ ޙަރަކާތް ތައް ގެންދިއުމަކީ ދަރިވަރުންނަށް މުޢާމަލާތު ކުރުމުގެ ހުނަރު ލިބި ދަރިވަރުންގެ އުނގެނުން ފަހިވާނެކަމެކެވެ.
  އުނގަންނައި ދިނުމުގެ މާހައުލުގައި ދަރިވަރާއި މުދައްރިސާއި ދެމެދު އޮންނަ ގުޅުން ބަދަހިވުމަކީ ވަރަށްވެސް މުހިނަމު ގުޅުމެކެވެ. ދަރިވަރާއި މުދައްރިސާއި ދެމެދު އޮންނަ ރަނގަޅު އަދި ދިގުދެމިވެންވާ ގުޅުމުގެ ސަބަބުން އުނގެނުމާއި އިޖްތިމާޢީ ގުޅުންތައް ތަރައްޤީވެއެވެ (ސާރާ.އާރު، ތ.ނ). މުދައްރިސާއި ދަރިވަރުންނާ މެދު އުފެދިފައިވާ ގާތްގުޅުމާއި އެކު ދަރިވަރުންނަށް ދެވޭ އެހީތެރިކަމުގެ ސަބަބުން ދަރިވަރުން ރަނގަޅު ކާމީޔާބީ ތަކެއް ހޯދައެވެ. މުދައްރިސައި ދަރިވަރުންނާއި ދެމެދު އުފެދޭ މިދެންނެވި ފަދަ ގާތް ގުޅުމުގެ ސަބަބުން ދަރިވަރުންނަށް މުދައްރިސާމެދު ގާތް ރަޙްމަތްތެރިއެއް ފަދަ އިޙްސާސް ކުރެވެއެވެ. އެހެން ކަމުން މުދައްރިސާ އެކު ކުރެވޭ މުޢާމަލާތްތައް ގިނަވެ، ދަރިވަރުންނަށް ތަރުހީބު ދެވި މަގު ދައްކާދެވެއެވެ. ހަމައެއާއި އެކު ދަރިވަރުންގެ އަޚްލާޤީ މައްސަލަތައް މަދުވެ ކުލާހުގައި ޙަޤީޤީ އުނގެނުމުގެ ވެއްޓެއް އުފެދިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ މެދުގައިވެސް ގުޅުން ބަދަހިވެ ދަރިވަރުންގެ މެދުގައި އެހީތެރިވުމާއި އެހީތެރިކަން ހޯދުމުގެ ރޫޙް އުފެދިގެން ދެއެވެ. އެހެންކަމުން ރަނގަޅު ނަތީޖާ ހޯދުމުގެ ޝަޢުޤްވެރިކަން އުފެދި ކިޔެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންފަށައެވެ.  

  ދަރިވަރުންނަކީ މުޖައމަޢުގެ ތަފާތު ޢާއިލާތަކުން އައިސްފައިވާ ކުދިންނެވެ. މިކުދިންގެ ތެރޭގައި ނުހަނު ބޮޑަށް އަޅާލުމާއި ލޯތްބައް ބޭނުންވެފައިވާ ކުދިން ތިބޭނެއެވެ. އަޅާލުމާއި ލޯތްބަކީ ދަރިވަރުން އުނގެނުމަށް ވަރަށް މުހިންމު ކަމަކަށްވާއިރު، އެފަދަ އަޅާލުމާއި ލޯބި ނުލިބޭ އެތައް ދަރިވަރުންނެއް ސްކޫލްތަކުގައި ކިޔަވަމުން ދެއެވެ. މިފަދަ ދަރިވަރުންނަކީ ސްކޫލަށް އައި ކަމުގައި
  ވިޔަސް ކިޔެވުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކުދިންނެވެ. ބައެއް ދަރިވަރުންނަކީ އެދަރިވަރުންގެ ޢާއިލާގެ ތެރެއިން ނުލިބުނު އަޅާލުމާއި ލޯބި މުދައްރިސުންގެ ފަރާތުން ނުވަތަ ކުލާހުގެ އެހެން ދަރިވަރުންގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރާ ދަރިވަރުންނެވެ. އެފަދަ ދަނޑިވަޅުތަކުގައި މުދައްރިސްގެ އަޅާލުން ނުލިބިއްޖެނަމަ ސަމާލުކަން ހޯދުމަށްޓަކައި އެފަދަ ދަރިވަރުން ކުރާކަންތައްތަކަކީ ކުލާސް ހަލަބޮލި ކުރުމާއި އަޚްލާޤީ ގޮތުން ދަށްފެންވަރުގެ ކަންތައްތަކެވެ. އެކަމުގެ ސަބަބުން އެފަދަ ދަރިވަރުންނަށާއި ކުލާހުގެ އެހެންވެސް ދަރިވަރުންނަށް އުނގެނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. އަނެއްބައި ކުދިންނަކީ އަޅާލުމާއި ލޯތްބައް ބޭނުންވި ނަމަވެސް މަޑުމައިތިރިކަމާއި އެކު ކުލާހުގައި ތިބޭ ކުދިންނެވެ. މިފަދަ ދަރިވަރުން ފަރާތުން ކިޔަވައި ދިނުމުގައި ދަތި ތަކާއި ކުރިމަތިލާން ނުޖެހުނުކަމުގައި ވިޔަސް އެފަދަ ދަރިވަރުން ތިބޭނީ ފިލާވަޅަށް ސަމާލުކަން ނުދީ ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މިހުހާ ސަބަބު ތަކަކަށްޓަކައިވެސް މުދައްރިސާއި ދަރިވަރުންގެ ގުޅުން ގާއިމްކޮށް ދަމަހައްޓަން ޖެހެއެވެ.



  އުނގެނުމާއި އުނގަންނައި ދިނުމުގެ ދާއިރާއިން އެންމެ ގިނައިން އަޑުއިވޭ އެއް ބަހަކީ އޮޅުންފިލުވައި ދިނުމެވެ. މިދާއިރާގައި މިބަސް އެހާ މުހިންމު ބަހަކަށް ވަނީ ކީއްވެހެއްޔެވެ؟ ސާފުކޮށް އޮޅުންފިލާހެން ބުނެދޭނީ ކިހިނެއްހެއްޔެވެ؟ އޮޅުންފިލުވައި ދިނުމަކީ ބަހާއި ޢަމަލުން މީހަކަށް ނުވަތަ ބަޔަކަށް ކަމެއް ނުވަތަ އެއްޗެއް އަންގައި ދިނުމެވެ. ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމަކީ  ފިލާވަޅުގައި ބުނާއެއްޗެއް އެންމެ ބޮޑަށް ދަރިވަރުން އެނގިގެންދާ އެއްކަންތަކެވެ. އެހެންކަމުން އޮޅުންފިލުވައި ދިނުމަކީ އުނގަންނައިދިނުމުގެ އެއް ބަހާއެވެ. މީހަކަށް ނުވަތަ ބަޔަކަށް އުނގަންނައިދޭނަމަ ސާފުކޮށް އޮޅުންފިލާހެން ބުނެދޭން ޖެހެއެވެ. މުދައްރިސް އޮޅުން ފިލުވައިދޭ އެއްޗެއް ސާފުވި ވަރަކަށް ދަރިވަރުންނަށް އެނގެމުން ދެއެވެ. ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމަކީވެސް ރަނގަޅަށް އެގިގެން ދަސްކޮށްގެން ކުރެވޭނެކަމެކެވެ. އެހެން ކަމުން ސާފުކޮށް އޮޅުންފިލުވައި ދިނުމަށްޓަކައި އެކަމުގެ ހުނަރު ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމަށްޓަކައި ބަހުގެ ހުނަރުތައް ދެނެގަންނަން ޖެހެއެވެ. އެގޮތުން ރަނގަޅު ބަސްކޮށާރެއް ލިބިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަ އެއާއި އެކު އޮޅުން ފިލުވާދޭ ބައެއްގެ ފެންވަރާއި އެއްވަރުގެ ބަސްކޮށާރެއް ބޭނުންކުރުމަކީވެސް ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެކެވެ. ހަމައެގޮތަށް އަޑުގެ ސާފުކަމާއި ވާހަކަ ދެއްކުމުގެ އަވަސް ލަސް ކަމަކީވެސް ސާފުކޮށް އޮޅުން ފިލުވައި ދިނުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
  ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމުގައި ތަފާތު ގޮތްތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން، އޮޅުފިލުވައި ދިނުމުގައި މިސާލު ދެއްކިދާނެއެވެ. މިސާލު ދެއްކުމަކީ ބުނާއެއްޗެއް އިތުރަށް ވަރުގަދަ ކުރުމަށް ދައްކާ ހެއްކެކެވެ. މިގޮތަށް މިސާލު ދައްކާއިރު ދަރިވަރުންގެ އަމިއްލަ ދިރިއުޅުމާއި ގުޅޭ މިސާލު ދެއްކުމަކީ އޮޅުން ފިލުވައިދޭ އެއްޗަކަށް ދަރިވަރުންގެ ސަމާލުކަށް އިތުރަށް ލިބި ފަލާވަޅުގައި ޝަޢުޤްވެރިކަމާއި އެކު އިތުރަށް ބައިވެރި ވާނެއެވެ. އަދި އެފަދަ މިސާލުތަކަކީ ދަރިވަރުން އެކަންކަމާއިމެދު މަޝްވާރާކުރުމަށް ނުވަތަ އިތުރަށް ބަހުސްކުރުމަށް ބޭނުންވާނެ ކަމެކެވެ. މިފަދަ މަޝްވާރާތަކާއި ބަހުސްތަކުގެ ތެރެއިން ދަރިވަރުން އުނގެނި ދަސްކުރެއެވެ. ސާފުކޮށް އޮޅުންފިލާނެހެން ބުނެދިނުމަކީ ހަމައެކަނި އަނގަބަހުން ދައްކާ ވާހަކަ ތަކަކުން ކުރާކަމެއް ނޫނެވެ. ވިޝުއަލް އެޑްސް ފަދަ އުނގެނުމުގެ އެހީ ބޭނުންކޮށްގެންވެސް ބުނެދެވެއެވެ. ތައްޔާރު ކޮށްފައިވާ އުނގެނުމުގެ އެހީ ބޭނުންކޮށްގެން ބުނެދިނުމަކީ ދަރިވަރުން ވަރަށް ޝަޢުޤްވެރި ކަމާއި އެކު އުނގެނުމުގެ ޙަރަކާތް ތަކުގައި ބައިވެރިވާ ކަމެކެވެ. ޖުމްލަގޮތެއްގައި ދަންނަވާނަމަ ދެންނެވޭނީ ސާފުކޮށް އޮޅުންފިލާހެން ބުނެދިނުމަކީ ދަރިވަރުންނަށ އޭގެ ރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރާކަމެކެވެ. އަދި ހަމަ އެއާއި އެކު އޮޅުންފިލުވައި ދިނުމުގައި ފަރުވާކުޑަ ކޮށްލެވިއްޖެ ނަމަ އޭގެ ނޭދެވޭ އަސަރުވެސް ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރެއެވެ. 

No comments:

Post a Comment